ޙުލާޞާ
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނަރު ގިޔާނޭޝް ކުމާރު އިސްތިއުފާ ދިނުމަށް ގޮވާލައި އާދީއްތަ ދުވަހު ޑެލީގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ. މުޒާހަރާ ލީޑުކުރީ ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީ އެވެ. ވޯޓާސް ލިސްޓުން 130 މިލިއަނަށްވުރެ ގިނަ ނަން އުނިކުރި ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.
އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ ދެކޮޅަށާއި، ޗީފް އިލެކްޝަން ކޮމިޝަނަރު ގިޔާނޭޝް ކުމާރު އިސްތިއުފާ ދެއްވުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން އިންޑިއާގެ ވެރިރަށް ނިއު ޑެލީގައި އާދީއްތަ ދުވަހު ބޮޑު މުޒާހަރާއެއް ބާއްވައިފި އެވެ.
މި މުޒާހަރާ ލީޑުކުރެއްވީ އިދިކޮޅު މައި ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީ އެވެ. އޭނާ އިދިކޮޅު ލީޑަރުންނާ އެކު ދުއްވި ޖިޕެއްގައި ހުންނަވައިގެން، އެ މުޒާހަރާގެ ކުރީގައި ހަރަކާތްތެރިވެވަޑައިގަތެވެ. މުޒާހަރާ ކުރިއަށް ދިޔައީ ސިޓީ ސެންޓަރުން ފެށިގެން ތާރީޚީ ރާމްލީލާ މައިދާނާ ހަމައަށެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ވޯޓުލާ މީހުންގެ ލިސްޓު އިސްލާހުކުރުމުގެ ނަމުގައި 130 މިލިއަނަށް ވުރެ ގިނަ ނަން ލިސްޓުން އުނިކޮށްފައިވެ އެވެ. އަދި އެ ބަދަލުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ މުސްލިމުންނާއި އެހެނިހެން މައިނޯރިޓީ ރައްޔިތުންނަށް ކަމަށާއި، އޭގެ ފައިދާ ކުރާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީއަށް ކަމަށް އިދިކޮޅުން ބުނެ އެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ އެއްވެސް ޕާޓީއަކަށް ވާގިވެރިވާ ކަމަށް ދެކޮޅު ހަދައިފަ އެވެ. އަދި ލިސްޓުން ނުބައިކޮށް އުނިކޮށްފައިވާ މީހުންނަށް އަލުން ރަޖިސްޓަރީ ވެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ. ބީޖޭޕީން ބުނީ ގާނޫނީ އިންތިޚާބީ ނިޒާމަށް ސުވާލު އުފައްދައި، އިދިކޮޅު ފަރާތްތަކުން ޑިމޮކްރަސީ ބަލިކަށިކުރަނީ ކަމަށެވެ.
މިއީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އިދިކޮޅު ޕާޓީތަކާއި ދަރިވަރުންނާއި ޒުވާނުން ކޮންމެ ދުވަހަކުހެން ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން އެންމެ ފަހުގެ މުޒާހަރާ އެވެ. ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި މިއީ 2014 ވަނަ އަހަރު މޯދީ ވެރިކަމަށް ވަޑައިގަތް ފަހުން އެމަނިކުފާނަށް ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ގޮންޖެހުމެވެ. އިންޑިއާގެ ޢާންމު އިންތިޚާބު ދެން އޮންނާނީ 2029 ވަނަ އަހަރު އެވެ.

