މީހުންނަށް ކޮން ކަމެއް ؟

ދިވެހި ކޮންމެ ގެއެއްގެ ތެރެއިން ވެސް، ދިރިއުޅުމުގެ ކޮންމެވެސް އެއް މަރުހަލާއެއްގައި ތަކުރާރުކޮށް އިވޭނެ އެއް ޖުމުލައެއް އޮވެއެވެ. އެއީ "ވިސްނާލަބަލަ، މީހުން ބުނާނީ ކީކޭ؟" މިއީ ސުވާލެއްގެ ސިފައިގައި އަހާ އެއްޗެއް ނަމަވެސް، ހަގީގަތުގައި މިއީ ހުވަފެންތަކުގައި އަޅުވާ އެންމެ ބޮޑު ކަސްތޮޅެވެ. އަމިއްލަ ނަފްސުގެ އުފަލާއި، އަމިއްލަ އިޚްތިޔާރުތައް ގުރުބާންކޮށްލަން ޖެހޭ އެންމެ ބޮޑު ސަބަބެވެ.

އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމައުގައި އެންމެން އެކަކު އަނެކަކު ދަނެއެވެ. އެއީ އެއްގޮތަކުން ބަލާއިރު ގާތްކަމެކެވެ. ނަމަވެސް އަނެއްކޮޅުން އެއީ ދިރިއުޅުން ވަށައިގެން ލެވިފައިވާ ކެމެރާތަކެއް ފަދަ ބިރުވެރި ކަމެކެވެ. ކިޔަވާނެ ދާއިރާއެއް ޚިޔާރުކުރާއިރު ވިސްނަން ޖެހެނީ އަމިއްލަ ޝައުގުވެރިކަމަކަށް ނޫނެވެ. "އޮފީސް ވަޒީފާއެއް" ނޫން އެހެން ކަމެއް ކޮށްފިނަމަ މީހުން ދައްކަފާނެ ވާހަކައަކަށެވެ.
 
ކައިވެނިކުރަން އުޅޭއިރު، އަތުގައި ހުރި މިންވަރަކުން ސާދާކޮށް ކަމެއް ނިންމާލަން ބޭނުންވިޔަސް، އޮންނަނީ އެއް ބިރެކެވެ. "ހަފްލާ ކުޑަވެގެން މީހުން މަލާމާތްކޮށްފާނެ" ކަމުގެ ބިރެވެ. ނަތީޖާއަކީ އެތައް ލައްކަ ރުފިޔާއަކުން ދަރަނިވެރިވެގެން ވެސް އެހެން މީހުން ރުއްސަން ދެއްކުންތެރި ހަފްލާތައް ބޭއްވުމެވެ.

ހަމަ އެ އުސޫލުން، ކައިވެންޏަށްފަހު ވަގުތުން ދަރިއަކު ނުހޯދައިފިނަމަ އެތަކެއް ސުވާލެވެ. ވަކި އުމުރަކަށް ދާއިރު ކައިވެންޏެއް ނުކުރެވިއްޖެނަމަ ދެން ކުރާނީ ފުރައްސާރައެވެ. 

ދިރިއުޅުމުގައި ދިމާވާ ނާކާމިޔާބީތަކާއި، ދެމަފިރިން ދޭތެރޭގައި ޖެހޭ މައްސަލަތަކާއި، އަދި ވަރިވާން ޖެހޭ ހާލަތްތަކުގައި ވެސް ކެތްކޮށްގެން އަނިޔާއަށް ނަފްސު ހުށަހަޅައިގެން ތިބެނީ ހަމަ އެންމެ ސަބަބަކާ ހުރެއެވެ. މީހުން ދެކޭނެ ގޮތަކާއި ދޭތެރޭ ވިސްނާފަ އެވެ.

ނަމަވެސް ހިތާމައަކީ، އަހަރެމެން މި ބިރުގަންނަ "މީހުން" ނަކީ ކޮބައިކަން އެކަކަށްވެސް ނޭނގޭ ކަމެވެ. އެއީ މަގުމަތިން ދިމާވާ ކުރީގެ ރަށްޓެއްސެއް ހެއްޔެވެ؟  ނޫނީ ކޮފީ މޭޒުދޮށުގައި ތިބެ ދުނިޔޭގައި ލެއްވިހާ ބޭކާރު ވާހަކަ ދައްކާ މީހުން ހެއްޔެވެ؟ ނުވަތަ މީސްމީޑިއާގެ ފޭކް އެކައުންޓް ހަދައިގެން ކޮމެންޓު ކުރާ މީހުން ހެއްޔެވެ؟ 

ހާސް ނުވާށެވެ. ދެތިން ދުވަހަކަށް ތިބާގެ ވާހަކަ ދަށްކަވެސް ފާނެއެވެ. ހަތަރުވަނަ ދުވަހު އެމީހުންނަށް ދައްކާނެ އެހެން މީހެއްގެ ވާހަކަ ފެންނާނެއެވެ. ދިވެހިންނަކީ ކަންތަށްތަށް ވާހާ އަވަހަކަށް އެކަންތަށްތަށް ހަނދާންވެސް ނެތޭ ބައެކެވެ. ތިން ދުވަހުގެ ދުވަހުގެ ފާޑުކިޔުމަށް ބިރުން، މުޅި އުމުރު ދުވަހުގެ އުފާވެރިކަން ގެއްލުވާނުލާށެވެ. އެކަނިވެރިކަމާއި ހިތާމަ ތަހައްމަލުކުރަން ޖެހެނީ ހަމަ ތިމާއެވެ. 

ދިރިއުޅުމަކީ އެހެން މީހުން ބަލަން ތިބޭ ޑްރާމާއެއް ނޫނެވެ. މިއީ ތިމާގެ އަމިއްލަ ދަތުރެކެވެ. މީހުންގެ ދުލުން ބޭރުވާ ބަސްތަކަށްވުރެ، ތިމާގެ ހިތުގެ ހަމަޖެހުމާއި އަމިއްލަ ނަފްސުގެ އަގު މާ ބޮޑެވެ. "މީހުން ބުނާނީ  ކީކޭބާ؟" މި ސުވާލުގެ ބަދަލުގައި، "މިއީ އަހަންނަށް އޮތް އެންމެ ރަނގަޅު ގޮތް ބާ؟" މި ސުވާލު އަހަން ފަށައިފި ދުވަހަކީ، މި އަޅުވެތިކަމުން އަހަރެމެން ސަލާމަތްވާނެ ދުވަހެވެ.