ނޯތު ހާބަރުގެ ކާރުބާރު ބޮޑު ތޮށިމައްޗެވެ.

 

ޑީސަލް ވަހާއި، ލޮނު ވަހާއި، ކަނޑުމަހުގެ ވަހެވެ. ބޯޓު ކައިރީގައި މީހުން ފުނިޖެހިފައި އޮތީ އެކައްޗެއް ހޯދާށެވެ. މުށި ކުލައިގެ ޓޭޕު ވަށައިގެން އޮޅާފައިވާ ކަރުދާސް ފޮށިގަނޑެކެވެ.

 

އެ ފޮށިގަނޑުމަތީގައި މާކަރުން ކަތިކޮށް ނަމެއް ޖަހާފައި އޮވެއެވެ. އަތަށް ނަގާއިރު ބަރުހެން ހީވެއެވެ.

 

މިއީ ގިނަ ދިވެހިންނަށް އާދަވެފައިވާ މަންޒަރެކެވެ.

 

އަހަރެން އަބަދުވެސް އަމިއްލަ ނަފުސާ ސުވާލުކުރަމެވެ. ކަންމަތީ ފިހާރައިންނާއި ސުޕަމާކެޓުތަކުން ކާބޯތަކެތި ފަސޭހައިން ލިބެން ހުންނަ އިރު، ރަށުގައި ތިބޭ މައިންބަފައިން ކޮންމެ މަހަކު މި ބުރަ އުފުލަނީ ކީއްވެގެން ހެއްޔެވެ؟

 

ފޮސްޓަރ ކްލާރކް ހުސްކުރި ބިއްލޫރި ފުޅިތަކަށް ރިހާކުރު އަޅައި، އެ ފުޅީގެ މަތީގައި ޓޭޕް އަޅައި، ޕްލާސްޓިކް ކޮތަޅަށް ލައި ބަންދުކުރަން އެމީހުން އެހާ ވަގުތު ހޭދަކުރަނީ ކީއްވެ ހެއްޔެވެ؟

 

މާލޭގައި އަހަރެން ދިރިއުޅޭ ކުޑަ އެޕާޓްމަންޓުގެ ބަދިގޭ މޭޒުމަތީގައި އެ ފޮށިގަނޑު ބަހައްޓައި، ވަޅިއަކުން ޓޭޕްގަނޑު ކަނޑާލި ވަގުތު އަހަންނަށް އޭގެ ޖަވާބު ލިބުނެވެ.

 

އެ ފޮށިގަނޑު ތެރެއިން ފެނުނީ ހަމައެކަނި ކާބޯތަކެއްޗެއް ނޫނެވެ.

 

އެއިން ދުވީ މަންމަގެ ފޭރާމުން ދުވާ ވަހެވެ.  އޭގައި ހުރީ ކާފަގެ ރުކުން އެޅި ކާއްޓެވެ. ބޮޑު ދައިތަ ތެލުލި ރެއްސެވެ. އަހަރެން އުފަންވި ރަށުގެ ވެލިގަނޑާއި، އެ ރަށުގެ މަޑު ވައިރޯޅީގެ އަސަރެވެ. މި ހުރިހާ އެއްޗެއް ބަންދުކޮށްފައި އެ ފޮނުވީ އާދައިގެ ފޮށިގަނޑެއްގެތެރޭގައި ނަމަވެސް އެ ފޮށިގަނޑުގައި އެ ހުރީ އެތައް މޭލެއްގެ ދުރުމިނުން އަހަރެންނަށް ފޮނުވާފައިވާ ލޯތްބެވެ.

 

މާލޭގެ ކޮންކްރީޓް ފާރުތަކުގެ ތެރޭގައި ތާށިވެ، ދުވަހުގެ ބުރަކަމުން ވަރުބަލިވެފައި ހުންނަ ވަގުތު، މަންމަ ފޮނުވި ރިހާކުރު ފުޅިން ސަމުސަލެއް ނަގައިގެން އަޅާލުމުން ލިބޭ ހިތްހަމަޖެހުމަކީ އެއްވެސް ފިހާރައެއްގެ ހަރުގަނޑުން ގަންނަން ލިބޭނެ އެއްޗެއް ނޫނެވެ.

 

އެ ފޮށިގަނޑު އަހަރެމެންނަށް ހަނދާންކޮށްދެނީ ވަރަށް މުހިންމު ކަމެކެވެ.

 

އަހަރެމެން ކިތަންމެ ބުރަކޮށް، ކިތަންމެ ކުރިއަރައިގެން ދިޔަޔަސް، އަހަރެމެންގެ އަސްލަކީ ކޮބައިކަމެވެ. އަދި މި މާލެގެ ހަލަބޮލިކަމުގެ ތެރޭގައި އަހަރެމެން އެކަނިވެރި ނޫން ކަމެވެ. ކޮންމެވެސް ރަށެއްގެ ގޮނޑުދޮށުގައި، އަހަރެމެންގެ ހާލު ބަލައިލަން އިންތިޒާރުގައި ބަޔަކު ތިބި ކަމެވެ.

 

އެ ފޮށިގަނޑުގައި ހުރި ކާއެއްޗެހި ހުސްވުމުގެ ކުރިން އެ ފޮނުވި ފަރާތަށް ގުޅާލާ "ޝުކުރިއްޔާ" އޭ ބުނެލަން ހަނދާން ނައްތާނުލައްޗެވެ. އެއީ އެބަޔަކު ތިބާ ދެކެ ހަގީގީ ލޯބިވާ މައިންބަފައިންގެ ބުރަ މަސައްކަތެވެ. އަހަރެމެންނަށް ފޮނުވި ހަދިޔާ އެވެ.