ޙުލާޞާ
އޭޝިއަން އަދި އޭޕެކް ސަމިޓްތަކަށް އޭޝިއާއަށް ދަތުރުކުރައްވާ ޓްރަމްޕް، ބުރާސްފަތި ދުވަހު ޕޫޓިންއާއި ޝީއާއެކު ބާއްވާ ތިން ފަރާތުގެ ބައްދަލުވުމަށް ކިމް ޖޮންގް އުން ވެސް ބައިވެރިވެދާނެ ކަމަށް ވިދާޅުވެއްޖެއެވެ. އެ ބައްދަލުވުމުގައި ނިއުކްލިއާ ހަތިޔާރު މަދުކުރުމުގެ ވާހަކަ ދައްކަވާނެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ފިލިޕީންސްއަށް ދަތުރުކުރެއްވުމަށް ވައިޓްހައުސްއިން ފުރާވަޑައިގަތުމުގެ ގަޑިއިރުތަކެއް ކުރިންނެވެ.
ޓްރަމްޕް ވިދާޅުވީ، “(ޝީ) މީގެ މަހެއް ކުރިން މިތަނަށް އައި، އަދި (ރަޝިއާގެ) ރައީސް ޕޫޓިންއާ ވެސް އަހަރެމެން ބައްދަލުކުރާނަން، ކިމް ޖޮންގް އުންއާ ވެސް އަހަރެމެންނަށް ބައްދަލުކުރެވިދާނެ” ކަމަށެވެ.
"އެހެންވީމާ އެއީ ވާނެ ރަނގަޅު ކަމެއް. ގިނަ ކަންތައްތަކެއް ހާސިލުކުރުމުގެ ފުރުސަތު އަހަރެމެންނަށް އެބަ އޮތް" ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް ކިމް ބައިވެރިވާނެތޯ ނިންމާނީ ބެއިޖިންގއިން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޓްރަމްޕް އަންގާރަ ދުވަހު މަނީލާއަށް ވަޑައިގަންނަވާނީ އޭޝިއަން ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އެއަށްފަހު ބުދަ ދުވަހުގެ ފަހުކޮޅު ދެކުނު ޗައިނާގެ ޝެންޒެންއަށް ވަޑައިގަންނަވާނީ ދެ ދުވަހުގެ އޭޕެކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ފޯރަމް ނިމޭއިރު ޓްރަމްޕްއާއި ޕޫޓިންއާއި ޝީ އެކުގައި ބައްދަލުވާ ފުރަތަމަ ބައްދަލުވުން ބުރާސްފަތި ދުވަހު ބޭއްވޭނެއެވެ. އަދި އެދުވަހު ޓްރަމްޕް، ޝީއާ ވަކިން ވެސް ބައްދަލުކުރައްވާނެއެވެ.
ބައްދަލުވުމުގައި ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު މަދުކުރުމުގެ ވާހަކަ ޓްރަމްޕް ދައްކަވާނެ ކަމަށް ވައިޓްހައުސްގެ ތަރުޖަމާނަކު ބުންޏެވެ. ނިއުކްލިއާ ހަތިޔާރު ފެތުރުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށް ޓްރަމްޕް ގަބޫލުކުރައްވާ ކަމަށް ވެސް އެ ތަރުޖަމާނު ބުންޏެވެ.
އެމެރިކާއާއި ރަޝިއާއާ ދެމެދު ހެދިފައިވާ ނިއުކްލިއާ ހަތިޔާރު ކޮންޓްރޯލްކުރުމުގެ މުއާހަދާގެ މުއްދަތު ހަމަވީ ފެބްރުއަރީ މަހުއެވެ. 1970 ވަނަ އަހަރުތަކުގެ ފެށުމަށް ފަހު، އާ އެއްބަސްވުމަކަށް މަޝްވަރާވެސް ނުކުރެވި، ދެގައުމުގެ ނިއުކްލިއާ ބާރުތަކަށް ގާނޫނީ ހައްދެއް ނެތި އޮތް ފުރަތަމަ ފަހަރަކީ މިއީއެވެ.
ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ހަތިޔާރުގެ ޚަޒާނާ އޮތީ ރަޝިއާއާއި އެމެރިކާގައި ކަމަށްވާއިރު، ދެން އެންމެ ބޮޑަކަށް އޮތީ ޗައިނާއެވެ.
އޭޝިއަން ސަމިޓުގައި ބައިވެރިވުމަށް މަނީލާއަށް ވަޑައިގެން ހުންނެވި އެކުވެރި ގައުމުތަކުގެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ހޯމަ ދުވަހު ވިދާޅުވީ، "ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ ޕްރޮގްރާމެއް އޮތްނަމަ، އެކަމުގައި ފުރިހަމައަށް ބައިވެރިވެ، އެކަން ކާމިޔާބުކުރުމަށް އެހީތެރިވުމަށް އަހަރެމެން ތައްޔާރު" ކަމަށެވެ.
ޗައިނާއާއި ރަޝިއާގެ ސްޓްރެޓެޖިކް ބައިވެރިއެއް ކަމަށްވާ އީރާނުގެ ހަނގުރާމައަށް ވެސް މި މަޝްވަރާތަކުގައި އަލިއަޅުވާލެވޭނެއެވެ. ދެކުނު ޗައިނާ ކަނޑާއި މިޔަންމާގައި ހިނގާ ފަދަ ތަޅުމުތައް ސުލްހަވެރި ގޮތުގައި ހައްލުކުރުމަށް އާސިއާންގެ ލީޑަރުން އަލުން ގޮވާލާނެ ކަމަށް ލަފާކުރެވެއެވެ.
ފާރިސް ކަނޑުކޮޅީގެ ހޯމުޒު ކަނޑުއޮޅި ބަންދުކުރުން ފަދަ ތަޅުމުތަކުގެ އަސަރުން އިގްތިސާދާއި ރައްޔިތުން ރައްކާތެރިކުރުމަށް ވެސް އެ ލީޑަރުން މަސައްކަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.
މަނީލާގައި ހުންނަވައިގެން ތައިލެންޑްއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ޓްރަމްޕް ސޮއިކުރައްވާނެ ކަމަށް ވައިޓްހައުސްއިން ބުނެފައިވެއެވެ. އޮސްޓްރޭލިއާ، އިންޑިއާ، ޖަޕާނާއި އެމެރިކާ ހިމެނޭ ކުއާޑްގެ ބައްދަލުވުމެއް ވެސް ސަމިޓާ އެއްކޮޅަށް އެމެރިކާގެ އޮފިޝަލުން ބާއްވާނެއެވެ.
ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ކޮންޓްރޯލް ގެއްލުނު މިޑްޓާމް އިންތިޚާބުގެ ނަތީޖާއަށް ފަހު، މި ދަތުރުން ބޭރުގައި ކާމިޔާބީއެއް ހޯއްދެވުމަށް ޓްރަމްޕް މަސައްކަތްކުރައްވާނެއެވެ.
ބައިނަލްއަގްވާމީ ސަފުގައި ލީޑަރޝިޕާއި ބާރު އަލުން ސާބިތުކުރުމަށް ޓްރަމްޕް މި ދަތުރުގެ ބޭނުން ހިފާނެކަމީ ޝައްކެއް ނެތް ކަމެއް ކަމަށް އޭޕެކްގައި އެމެރިކާގެ ކުރީގެ ސަފީރު ކާޓް ޓޮންގް ބްލޫމްބާގަށް ބުންޏެވެ.
ނަމަވެސް ބައްދަލުވުމަށްފަހު އެއްވެސް އެއްބަސްވުމެއް ހެދޭނެ ކަމަށް ލަފާނުކުރާ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ބުނި ކަމަށް އޭޕީއާއި ރޮއިޓާޒްއިން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާގައި ހުންނަ ޖިއޮޕޮލިޓިކަލް އެނަލިސްޓް ގްރެގް ޕޯލިންގް ޕީބީއެސް ނިއުސްއަށް ބުނީ، "ޓްރަމްޕްއާއި ޝީއާ ދެމެދު މުހިންމު އެއްވެސް ކުރިއެރުމެއް ނުލިބޭނެ" ކަމަށެވެ.
މިޑްޓާމް އިންތިޚާބުގެ ބަލިން ޓްރަމްޕް ސިޔާސީ ގޮތުން ބަލިކަށިވެފައިވާތީ، އެއްވެސް ކޮމްޕްރޮމައިޒެއް ކުރުމަށް ޗައިނާ ފަރާތުން އިތުރަށް މަދުން ޝައުގުވެރިވާނެ ކަމަށް ވެސް ޕޯލިންގް ބުންޏެވެ.
މި ސަމިޓްތަކުގައި އޭއައި ސަޕްލައި ޗެއިނާއި ވެރިކަން، ޓެރިފް ކުޑަކުރުމާއި ގްރީން އެނަރޖީއަށް ބަދަލުވުން ފަދަ މައްސަލަތައް ވެސް ހިމެނޭނެއެވެ.

