ޙުލާޞާ
ތުރުކީޔޭގެ ރައީސް އުރުދުޣާނާއި ގަތަރުގެ އަމީރު ޝައިޚް ތަމީމް ހުކުރު ދުވަހު އިސްތަންބޫލްގައި ބައްދަލުކުރެއްވުމާ ގުޅިގެން، ދިފާއީ އެއްބަސްވުމާއި ސުލްހައާ ބެހޭ އެމްއޯޔޫއެއް ހިމެނޭ ގޮތަށް ދެ ގައުމުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
މި ބައްދަލުވުމާ ގުޅިގެން ތުރުކީޔޭގެ ރިޔާސީ އޮފީހުން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ގަލްފް ސަރަހައްދުގައި ހަނގުރާމަ އަލުން ފެށުން ހުއްޓުވުމަށާއި، ޑައިލޮގަށް ބިންގާއެއް އަޅައި ސުލްހަ ހާސިލުކުރުމަށް އަޅުގަނޑުމެން ގުޅިގެން މަސައްކަތްކުރުން ކުރިއަށް ގެންދާނެ ކަމަށް ރައީސް އުރުދުޣާން ވިދާޅުވި" ކަމަށެވެ.
މި އެއްބަސްވުމުން "ތުރުކީއާއި ގަތަރާ ދެމެދު ގުޅުމަށް އާ ބުއުދެއް އިތުރުކޮށްދޭނެ" ކަމަށް އުރުދުޣާންގެ އޮފީހުން ބުނެފައިވެ އެވެ.
ގަތަރުގެ އަމީރު މި އެއްބަސްވުމަށް ތައުރީފުކުރައްވަމުން ވިދާޅުވީ، މިއީ "ސްޓްރެޓީޖިކް ބައިވެރިވުމެއް" ކަމަށެވެ.
ރައީސް އުރުދުޣާނާ ކުރެއްވި މަޝްވަރާތަކުގައި "ހާސިލުކުރެވިފައިވާ ކަންކަމުގެ މައްޗަށް ބިނާކުރާނެ ގޮތްތަކާއި، ކުރިއަށް އޮތް މުއްދަތުގައި ގުޅިގެން ކުރާ މަސައްކަތުގެ އިސްކަންތައް ކަނޑައެޅުމާ ބެހޭގޮތުން މަޝްވަރާކުރި" ކަމަށް ޝައިޚް ތަމީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އަމީރީ ދީވާނުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ދެ ސަރުކާރުން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ އިރު، މީގެ ތެރޭގައި "ސުލްހައާއި، އެއްބައިވަންތަކަމާއި، ޚިލާފުތައް ހައްލުކުރުމުގެ ދާއިރާގައި އެއްބާރުލުން ދިނުމާ ބެހޭ" އެމްއޯޔޫއެއް ވެސް ހިމެނެ އެވެ.
ސެކިއުރިޓީ އެނަލިސްޓް ޔޫސުފް އަލަބަރްދާ އަލްޖަޒީރާއަށް ދިން ޖަވާބުގައި ބުނީ، އިރާން ހަނގުރާމަ ފެށުނީއްސުރެ ސަރަހައްދުގެ ގައުމުތަކަށް "ހަނގުރާމައިގެ އަސަރު ކުރަމުންދާ ކަމަށާއި، އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނުވޭ" ކަމަށެވެ.
"ހުރިހާ ގަލްފް ގައުމަކަށް، ހާއްސަކޮށް ގަތަރަށް ވިސްނިއްޖެ، އެމެރިކާއިން ދޭ ސަލާމަތީ ޒަމާނާތްތައް ރަނގަޅަށް މަސައްކަތް ނުކުރާކަން. ގަތަރުގައި ހުރި ތުރުކީގެ ސިފައިން ވަރަށް މުހިންމު. ނަމަވެސް ކައިރި މުސްތަގުބަލުގައި ގަތަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތުރުކީޔޭގެ ހަތިޔާރާއި އެއާ ޑިފެންސް ގަތަރަށް ފޮނުވިދާނެ ކަމަށް އަހަރެން ބުނެވޭނެ، އެއީ ތުރުކީޔޭއަށް ވަރަށް މުހިންމު ކަމެއް. އެހެންކަމުން މި އެއްބަސްވުމުން މި އަސްކަރީ އެއްބަސްވުންތައް ކުރިއަށް ގެންދިއުމަށް އެހީތެރިވާނެ،" އަލަބަރްދާ ބުންޏެވެ.
މީގެ ކުރިން، އޯގަސްޓް މަހު ތުރުކީޔޭއާއި ޕާކިސްތާނާއި ސައުދީ އަރަބިއްޔާއިން ސަރަހައްދީ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
އެ އެއްބަސްވުމުގެ ދަށުން، ތިން ގައުމުން އެއް ގައުމަކަށް ހަމަލާދީފިނަމަ، އަނެއް ދެ ގައުމުން އެހީއަށް ނުކުންނާނެ އެވެ.
ތުރުކީޔޭގެ ޕާލިމެންޓުން ފާއިތުވި ހަފްތާގައި ތަސްދީގުކުރި އެ އެއްބަސްވުމުން، ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު ސިފައިންގެ ބާރު ލިބިފައިވާ ތުރުކީ، މުސްލިމް ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ހަމައެކަނި ގައުމު ޕާކިސްތާނާއި ސައުދީ އަރަބިއްޔާއާ ގުޅުވައިދެ އެވެ.
އެއީ އެހެން އެއްވެސް ގައުމަކަށް އަމާޒުކޮށްގެން ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށާއި، މިސްރު ހިމެނޭ ގޮތަށް އެހެން ގައުމުތަކަށް ވެސް އެ އެއްބަސްވުމުގެ ދޮރު ހުޅުވިފައިވާ ކަމަށް ތުރުކީން ބުނެފައިވެ އެވެ.
އަދި އޮކްޓޫބަރު މަހު ދޯހާގައި ގަތަރާއި، އިންޑޮނޭޝިއާއާއި، ޕާކިސްތާނާއި ތުރުކީއިން ދިފާއީ ދާއިރާގައި އެއްބާރުލުން ދިނުމާ ބެހޭ ގިނަ ފަރާތްތަކުގެ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ.
"ބަދުރު" ގެ ނަމުން ނަންދީފައިވާ އެ އެއްބަސްވުމުގެ މަގުސަދަކީ ބައިވެރިވާ ގައުމުތަކުގެ މެދުގައި އެއްބާރުލުން ވަރުގަދަކުރުމެވެ.

