ފާއިތުވި މަދު އަހަރުތަކެއްގެ ތެރޭގައި ވެސް މޯބައިލް ފޯނުގެ ނެޓްވޯކް ޚިދުމަތްތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، މިހާރު މާކެޓަށް ނެރޭ ގިނަ ފޯނުތަކަކީ "އީސިމް" (eSIM) ބޭނުންކުރެވޭ ފޯނުތަކެކެވެ. އީސިމް އަކީ ފޯނުގެ އެތެރޭގައި ބިނާކޮށްފައިވާ ޑިޖިޓަލް ސިމެކެވެ. މީގެ އެންމެ ބޮޑު އެއް ފައިދާއަކީ އާދައިގެ ނޭނޯ ސިމް ކާޑެއް ފޯނަށް ނުލައި، ޚިދުމަތްދޭ ކުންފުންޏެއްގެ ޕްލޭން އެކްޓިވޭޓް ކުރެވުމެވެ.
ޚާއްޞަކޮށް ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު ފޯނު ބިލު ބޮޑުވާ ހާލަތްތަކުގައި، ފިޒިކަލް ސިމަށްވުރެ އީސިމް ބޭނުންކުރުން މާ ބުއްދިވެރިއެވެ. މީގެ އިތުރުން، އީސިމްގެ ސަބަބުން އެއް ފޯނެއްގައި ދެ ލައިން (ޑުއަލް ސިމް) ބޭނުންކުރުމުގެ ފުރަސަތު ލިބިގެންދެއެވެ. މީގެ މާނައަކީ ޕާރސަނަލް ނަންބަރާއި މަސައްކަތުގެ ނަންބަރު، ނުވަތަ ގޭގެ ލައިނާއި ދަތުރުގެ ޕްލޭން އެއް ފޯނެއްގައި އެއްވަގުތެއްގައި ބޭނުންކުރެވުމެވެ. އަދި އީސިމް ސެޓަޕް ކުރުމުގެ މަރުޙަލާ ވެސް އާދައިގެ ސިމަކަށްވުރެ މާ އަވަސްވެފައި ފަސޭހައެވެ.
އަމިއްލަ ފޯނުގައި އީސިމް ބޭނުންކުރެވޭތޯ ބެލުމަށް، އައިފޯން އަދި އެންޑްރޮއިޑް ފޯނުގައި ވެސް ހޯދަން ޖެހެނީ "އީއައިޑީ" (EID) ކިޔާ ކޯޑެކެވެ. ފޯނުގައި މި ކޯޑު އޮތުމަކީ އެ ފޯނަކުން އީސިމް ސަޕޯޓް ކުރާކަމުގެ ހެއްކެކެވެ. ކޮންމެ ވައްތަރެއްގެ ފޯނެއްގައި ވެސް ފޯން ޑަޔަލް ޕެޑުން *#06# ޑައިލް ކޮށްލުމުން، އީއައިޑީ ހިމެނޭ ގޮތަށް ފޯނުގެ މުހިންމު މަޢުލޫމާތުތައް ފެންނާނެއެވެ. މީގެ އިތުރުން އައިފޯނެއްނަމަ، Settings > General > About އަށް ގޮސްގެން ވެސް، އީސިމް ޗިޕާ ގުޅިފައިވާ 32 ޑިޖިޓުގެ އީއައިޑީ ނަންބަރު ބަލައިލެވިދާނެއެވެ. އެޕަލް އިން ބުނާ ގޮތުގައި އީސިމް އިތުރުކުރެވޭނީ އައިފޯން އެކްސްއެސް، އެކްސްއެސް މެކްސް، އެކްސްއާރް ނުވަތަ އޭގެ ފަހުގެ މޮޑެލްތަކުގައެވެ. އަދި އައިފޯން 13 އާއި އޭގެ ފަހުގެ މޮޑެލްތަކުގައި އެއްވަގުތެއްގައި ދެ އީސިމް ވެސް ބޭނުންކުރެވޭނެއެވެ.
އެންޑްރޮއިޑް ފޯނެއްގައި އީއައިޑީ ބެލުމަށް Settings > About Phone އަށް ގޮސް، Device Details ނުވަތަ Status Information ގެ ދަށުން ބަލައިލެވިދާނެއެވެ. އަދި Settings > Network & Internet (ސެމްސަންގ ފޯނެއްނަމަ Connections) > SIM Manager އަށް ގޮސްގެން ވެސް އީސިމް އިތުރުކުރެވޭތޯ ޔަޤީންކުރެވިދާނެއެވެ.
ނަމަވެސް، ހުރިހާ ފޯނަކުން އީސިމް ސަޕޯޓެއް ނުކުރެއެވެ. އެންޑްރޮއިޑް ފޯނުތަކަށް އީސިމް ސަޕޯޓް ލިބެން ފެށީ 2017 ގައެވެ. އަދި އައިފޯނަށް މި ސަޕޯޓް ލިބުނީ އޭގެ އަހަރެއް ފަހުންނެވެ. ތާރީޚަށް ބަލާއިރު، ގޫގުލް ޕިކްސެލް 2 އާއި 2 އެކްސްއެލް އަށް 2017 ގައި ސަޕޯޓް ލިބުނު ނަމަވެސް، މޮޓޮރޯލާ އިން ސަޕޯޓް އިތުރުކުރީ 2019 ގައެވެ. އަދި ސެމްސަންގުން އީސިމް ތަޢާރަފުކުރީ 2020 ގައި ނެރުނު ގެލެކްސީ އެސް20 ސީރީޒާއެކުގައެވެ. ބަޖެޓް ފޯނުތަކާއި، ކުރީގެ އެންޑްރޮއިޑް މޮޑެލްތަކުގެ އިތުރުން ބައެއް ސަރަހައްދުތަކަށް ޚާއްޞަކޮށްގެން ނެރޭ ފޯނުތަކުގައި މި ޗިޕު ހިމެނިފައި ނުވާތީ، އެންމެ ރަނގަޅު ގޮތަކީ ފޯނުގައި އީއައިޑީ ކޯޑު އޮތްތޯ ބެލުމެވެ.
ދަތުރުމަތީގައި އީސިމް ބޭނުންކުރެވޭނީ ފޯނު "އަންލޮކް" ކޮށްފައި ހުރިނަމައެވެ. ވަކި ކުންފުންޏަކަށް ލޮކްވެފައިވާ ފޯނެއްގައި އީއައިޑީ ފެންނަން ހުރި ނަމަވެސް، އެހެން ކުންފުނިތަކުގެ އީސިމް ޕްރޮފައިލްތައް ބަލައި ނުގަނެފާނެއެވެ. އައިފޯނުގައި މިކަން ބެލުމަށް Settings > General > About އަށް ގޮސް، Carrier Lock ގެ ކައިރީގައި "No SIM restrictions" އޮތްތޯ ބަލަންޖެހެއެވެ.
ފޯނުން އީސިމް ސަޕޯޓް ކުރި ނަމަވެސް ހުރިހާ ޚިދުމަތްދޭ ކުންފުނިތަކުން މި ފީޗަރު ފަށާފައި ނުވާތީ، ތިމާ ބޭނުންކުރާ ނެޓްވޯކުން އީސިމް އެކްޓިވޭޝަން ސަޕޯޓް ކުރާތޯ ވެސް ޔަޤީންކުރަން ޖެހޭނެ ކަމެވެ. އަދިވެސް ފޯނާ މެދު ޝައްކެއް އޮތްނަމަ، އެންމެ ރަނގަޅު ގޮތަކީ މޯބައިލް ނެޓްވޯކް ޚިދުމަތްދޭ ކުންފުންޏާ ގުޅައިގެން މަޢުލޫމާތު ސާފުކުރުމެވެ.

