އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތު ވޯޓަރުންނަށް ވަރަށް ހަރުކަށިވީ ކަމަށް ވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 


ޓްރަމްޕް ވަނީ އޭނާގެ ޑިޕޯޓްކުރުމުގެ ސިޔާސަތުގެ ސަބަބުން މިދިޔަ ހަފްތާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ  ގެ ނަތީޖާއަށް ގެއްލުން ލިބުނުކަން ގަބޫލުކޮށްފައެވެ.


މި އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ  އަތުން ހައުސް އޮފް ރެޕްރިޒެންޓޭޓިވްސް  އާއި ސެނެޓު  ގެ ކޮންޓްރޯލް ގެއްލުނެވެ.


އޭގެ ފަހުން ފުރަތަމަ ފަހަރަށް ޓީވީއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ސަރުކާރުން ހިންގި ޑިޕޯޓްކުރުމުގެ ހަރަކާތާމެދު ބައެއް ވޯޓަރުން ހިތްހަމަނުޖެހޭ ކަމަށެވެ.


މި ހަރަކާތާ ދެކޮޅަށް އެމެރިކާގެ ގިނަ ސަރަހައްދުތަކެއްގައި މުޒާހަރާތައް ކުރިއެވެ.


"އަހަރެން ހިތަށް އަރަނީ އެއީ ވަރަށް ހަރުކަށި ކަމެއް ކަމަށް ވެދާނެ،" 


ސީބީއެސްގެ 60 މިނިޓްސް  ޕްރޮގްރާމަށް ޓްރަމްޕް ވިދާޅުވިއެވެ. މި އިންޓަވިއު ދައްކާލީ އާދީއްތަ ދުވަހުއެވެ.

ޑިމޮކްރެޓުން  ކޮންޓްރޯލްކުރާ އައު ކޮންގްރެސްއާއެކު އިމިގްރޭޝަނާ ބެހޭ އެއްބަސްވުމަކަށް މަސައްކަތް ކުރެވިދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.


"އެއްބަސްވުމަކީ އަހަރުމެން ކަމެއް ހައްލުކުރުން،"

 ޓްރަމްޕް ވިދާޅުވިއެވެ. 


"އަހަރެން ހިތަށް އަރަނީ އެއީ ހަގީގަތުގައި ވެސް ކުރެވޭނެ ކަމެއް ކަމަށް،"


ޓްރަމްޕް ވިދާޅުވީ، މެދުމިނުގެ އެއްބަސްވުމެއްގެ ދަށުން ވެސް ކުށްވެރިން ޑިޕޯޓްކުރާނެ ކަމަށެވެ. ނަމަވެސް ގައުމުގައި ދިރިއުޅެ، މަސައްކަތްކޮށް "ޓެކްސް ދައްކާ" "ރަނގަޅު މީހުންނަށް" މަޑުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.


މި އިންޓަވިއު ދައްކާލީ، ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުގެ މައި ރާވާ މީހާ ކަމުގައިވާ ސްޓީވަން މިލަރ  ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފްކަމަށް ޓްރަމްޕް އައްޔަންކުރުމަށް ފަހުގައެވެ.


މިލަރ  އައްޔަންކުރީ ސޫޒީ ވައިލްސް ގެ ބަދަލުގައެވެ. މި ނިންމުމާއެކު ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތު ދާނެ މިސްރާބާމެދު ސުވާލު އުފެދިފައިވެއެވެ.


ސެނެޓުގެ ޑިމޮކްރެޓިކް  ލީޑަރު ޗަކް ޝޫމަރ  އެކްސް  ގައި ލިޔުއްވީ، "ޓްރަމްޕް ބުނަނީ އޭނާގެ އިމިގްރޭޝަން ފިޔަވަޅުތައް މާބޮޑަށް ދިޔައީ ކަމަށް،" އެވެ.


"ފެންނަ ގޮތުގައި، އޭނާގެ ހައްލަކީ އެކަމުގެ ޒިންމާވާންޖެހޭ މީހާ ވައިޓް ހައުސްގެ ވެރިއަކަށް ލުން. އެއީ މިސްރާބު ރަނގަޅުކުރުމެއް ނޫން. އެއީ މަގާމު ކުރިއަރުވައިދިނުމެއް،"

 ޝޫމަރ  އިތުރަށް ލިޔުއްވިއެވެ.


ވެރިކަމަށް އެނބުރި އައުމަށް ކުރި ކެމްޕެއިނުގައި ޓްރަމްޕް ވަނީ އިމިގްރޭޝަން ފިޔަވަޅުތައް ހަރުކަށިކުރާނެ ކަމުގެ ވައުދުވެފައެވެ.


އޭރު ކުށްތައް އިތުރުވުމުގެ ކުށް އޭނާ ލީ ލިޔެކިޔުން ނެތް ހިޖުރަވެރިންގެ ތެރޭގައިވާ "މީހުން މަރާ މީހުންނާއި" "މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން" ގެ މައްޗަށެވެ.

އެމެރިކާގެ ގިނަ ސިޓީތަކެއްގައި ހިޖުރަވެރިން ހައްޔަރުކޮށް ޑިޕޯޓްކުރުމުގެ ބޮޑެތި އޮޕަރޭޝަންތައް ފެށުމާއެކު ހައްޔަރުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވިއެވެ.


މި އޮޕަރޭޝަންތަކާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ފެޑެރަލް އޮފިސަރުންގެ އަތުން ރެނޭ ގުޑް  އާއި އެލެކްސް ޕްރެޓީ  ކަމަށްވާ ދެ އެމެރިކާ ރައްޔިތަކު މަރުވިއެވެ.


އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް)  އާއި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ  ގެ މަސައްކަތްތައް ބަލަހައްޓުމަކީ އައު ކޮންގްރެސްގެ އިސްކަންދޭ ކަމެއް ކަމަށް ޑިމޮކްރެޓުން  ވަނީ ބުނެފައެވެ.