މި ސަމިޓް ބާއްވަނީ ނޮވެމްބަރު 9 އިން ފެށިގެން 20 ގެ ނިޔަލަށެވެ.
ޔޫރަޕިއަން ކޮމިޝަންގެ ޖޮއިންޓް ރިސަރޗް ސެންޓަރ (ޖޭއާރުސީ) އާއި އިންޓަނޭޝަނަލް އެނަރޖީ އޭޖެންސީ (އައިއީއޭ) ގެ އެންމެ ފަހުގެ އަދަދުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރު ދުނިޔެއިން 54.1 ބިލިއަން ޓަނުގެ ގްރީންހައުސް ގޭސް ދޫކޮށްފައިވެއެވެ.
މިއީ ކުރީ އަހަރަށްވުރެ 0.7 އިންސައްތަ، އަދި 1990 ވަނަ އަހަރަށްވުރެ 68.5 އިންސައްތަ އިތުރެވެ.
މި ގޭސްތަކުގެ ސަބަބުން ވައިގެ ތެރޭގައި ހޫނު ހިފެހެއްޓި، ދުނިޔޭގެ ހޫނުމިން މައްޗަށް ދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި، އުދަ އެރުމާއި ފެންބޮޑުވުން ފަދަ ނުރައްކާތެރި މޫސުމީ ހާލަތްތަކުގެ ބިރު ބޮޑުވެއެވެ.
2025 ގައި ދޫކުރި ގޭސްގެ 73.8 އިންސައްތައަކީ ކާބަން ޑައިއޮކްސައިޑެވެ. މީތޭން 17.6 އިންސައްތަ، ނައިޓްރަސް އޮކްސައިޑް 5.3 އިންސައްތަ އަދި ފްލޫރިނޭޓެޑް ގޭސްތައް 3.3 އިންސައްތަ ހިމެނެއެވެ.
ވޯލްޑް މީޓިއޮރޮލޮޖިކަލް އޮރގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ބުނީ، 2025 ގައި ދުނިޔޭގެ ކަނޑުތަކުގައި ރައްކާވެފައިވާ ހޫނުގެ މިންވަރު ރެކޯޑުގައިވާ އެންމެ މަތީ މިންވަރަށް އަރާފައިވާ ކަމަށެވެ.
2026 ވަނަ އަހަރު މޫސުމީ ހާދިސާތަކުގެ ސަބަބުން އެތައް ހާސް މީހުން މަރުވެ، މިލިއަނުން މީހުންނަށް ގެދޮރު ދޫކޮށްލަން ޖެހުނު ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުންޏެވެ.
އދ. އިން ބުނެފައިވާ ގޮތުގައި، އޯގަސްޓު 26 ގައި ހިމާލިޔާ ފަރުބަދަތަކުގައި ގްލޭޝިއަރެއް ވެއްޓި އުފެދުނު ފެންބޮޑުވުމުގައި ނޭޕާލުން 1,500 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ޗައިނާ އާ ބޯޑަރު ހިއްސާކުރާ ސަރަހައްދުގައި ހިނގި މި ހާދިސާގައި ގާތްގަނޑަކަށް 5,600 މީހުން އަދިވެސް ގެއްލިފައިވެއެވެ.
ޔޫރަޕުގައި މޭ އާއި އޯގަސްޓާ ދެމެދު ހޫނު ރާޅުތަކާއި ހިކުމާއި އަލިފާން ރޯވުމުގެ ސަބަބުން، އާންމު މިންވަރަށްވުރެ 30,000 އަށްވުރެ ގިނަ މީހުން އިތުރަށް މަރުވިއެވެ.
ގޭސް އެންމެ ގިނައިން ދޫކުރާ ދާއިރާއަކީ ކަރަންޓް އުފައްދާ ދާއިރާއެވެ. 2025 ގައި ދުނިޔޭގެ ގޭސް ދޫކުރުމުގެ ގާތްގަނޑަކަށް 30 އިންސައްތަ ދޫކޮށްފައިވަނީ މި ދާއިރާއިންނެވެ.
ދެވަނައަށް 21 އިންސައްތައާއެކު އިންޑަސްޓްރީ ހިމެނޭއިރު، ތިންވަނައަށް 16 އިންސައްތައާއެކު ޓްރާންސްޕޯޓް ދާއިރާ ހިމެނެއެވެ.
ގައުމުތަކުގެ ތެރެއިން 2025 ގައި އެންމެ ގިނައިން ގޭސް ދޫކުރީ ޗައިނާއިންނެވެ. އެ ގައުމުން 16 ބިލިއަން ޓަނާ ކައިރި، ނުވަތަ 29.5 އިންސައްތަ ދޫކޮށްފައިވެއެވެ.
ދެވަނައަށް އެމެރިކާއިން 6.02 ބިލިއަން ޓަނު (11.1 އިންސައްތަ) އަދި ތިންވަނައަށް އިންޑިޔާއިން 4.51 ބިލިއަން ޓަނު (8.3 އިންސައްތަ) ދޫކޮށްފައިވެއެވެ.
ނަމަވެސް ގްލޯބަލް ކާބަން ބަޖެޓް ގެ މައުލޫމާތުން ދައްކާގޮތުގައި، 18 ވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން ކާބަން ޑައިއޮކްސައިޑް ދޫކުރުމުގެ 23.5 އިންސައްތަ ދޫކޮށްފައިވަނީ އެމެރިކާއިންނެވެ. ޗައިނާއިން ދޫކޮށްފައިވަނީ 15.4 އިންސައްތައެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ، 2035 ވަނަ އަހަރާ ހަމައަށް އެ ގައުމުން ދޫކުރާ ގޭސް، އެންމެ މަތިވި ފެންވަރުން 7 އިން 10 އިންސައްތައަށް ކުޑަކުރުމަށް ފުރަތަމަ ފަހަރަށް ވަޢުދުވެފައެވެ.

