ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި އޭއައި ޗިޕް އުފައްދާ އެންވީޑިއާ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގް، ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އެކު ބޭއްވި ސިއްރު ގުޅުމާ ގުޅިގެން އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ތިން ކޮމިޓީއަކުން އޭނާއާ ސުވާލުކުރަން ނިންމައިފިއެވެ. މި މައްސަލައިގައި ސުވާލުކުރުމަށް ރާވާފައިވަނީ އެ ތިން ކޮމިޓީގެ ރިޕަބްލިކަން ލީޑަރުންނެވެ.
ޖެންސަން ހުއާންގްގެ ކައިވެނިން ބޭރުގެ މި ގުޅުން ހިންގާފައިވަނީ ސިންގަޕޫރުގެ ޑޭޓާ ސެންޓަރު ކުންފުންޏެއް ކަމަށްވާ "މެގަސްޕީޑް" ގެ އިސް ވެރިއެއް ކަމަށްވާ އެލިސް ހުއާންގް (އެލިސް ލެ) އާއެކުގައެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ގަބޫލުކުރާ ގޮތުގައި އެލިސްއަކީ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީ (އެމްއެސްއެސް) އިން ރެކްރޫޓްކޮށްފައިވާ ޖާސޫސެކެވެ.
މި ތުހުމަތުތަކާ ގުޅިގެން އެމެރިކާގެ ތަހުގީގީ އިދާރާތަކުން ވަނީ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އެލިސްގެ މުއާމަލާތްތައް މޮނީޓަކޮށްފައެވެ. ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ގުޅުމުގެ މައިގަނޑު ބޭނުމަކީ އެމެރިކާއިން ޗައިނާއަށް ޗިޕް އެކްސްޕޯޓްކުރުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމާއި، އެންމެ ފަހުގެ އޭއައި ޗިޕްތަކުގެ މައުލޫމާތާއި ވިޔަފާރީގެ ސިއްރުތައް ހޯދުމެވެ.
މީގެއިތުރުން، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސިންގަޕޫރުގެ މެގަސްޕީޑް މެދުވެރިކޮށް އެންވީޑިއާގެ ޗިޕްތައް ވަގަށް ޗައިނާއަށް އެތެރެކުރާ ކަމުގެ ޝައްކުތައް ވެސް ވަނީ އުފެދިފައެވެ. ނަމަވެސް މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ޗައިނާގެ ޖާސޫސީ އިދާރާއިން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ކުންފުނީގެ ސިއްރެއް ނުވަތަ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއް ގެއްލިފައިވޭތޯ ބެލުމަށް އެންވީޑިއާގެ ބޯޑުން މިހާރު ވަނީ މިނިވަން ތަހުގީގެއް ފަށާފައެވެ. އެންވީޑިއާއިން ބުނީ އެލިސްއާއެކު ބޭއްވީ އާދައިގެ ވިޔަފާރީގެ ބައްދަލުވުންތަކެއް ކަމަށާއި، ގައުމީ ސަލާމަތާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޖެންސަން ހުއާންގް ވަނީ ކުންފުނީގެ މުވައްޒަފުންނަށް މެސެޖެއް ފޮނުއްވައި، އޭނާގެ އާއިލާއަށާއި ކުންފުންޏަށް މަޢާފަށް އެދިވަޑައިގެންފައެވެ. އަދި އޭނާ ވަނީ އެލިސްއާއެކު ކައިވެނިން ބޭރުގެ ގުޅުމެއް ހިންގި ކަމަށް އިއުތިރާފުވެފައެވެ.

