ޙުލާޞާ

ބައިނަލްއަގުވާމީ ބާޒާރުގައި އަގު މައްޗަށް ދާތީ ހޮނިހިރު ދުވަހުން ފެށިގެން މޯލްޑިވް ގޭހުން ގޭސް ފުޅިތަކުގައި ފުރާ މިންވަރު ކުޑަކުރަނީ އެވެ. ކިލޯއެއްގެ އަގަށް ބަދަލެއް ނާދެ އެވެ. ދިގު މުއްދަތަށް ތިން މަހަށް ފުދޭ ގޭސް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު މައްޗަށް ދާތީ، ކައްކާ ގޭސް ކަސްޓަމަރަުންނަށް ދޫކުރާ މިންވަރު ހޮނިހިރު ދުވަހުން ފެށިގެން ވަގުތީގޮތުން ކުޑަކުރާނެ ކަމަށް މޯލްޑިވް ގޭހުން ބުނެފި އެވެ.


މޯލްޑިވް ގޭހުން ބުނީ އަލަށް ހަމަޖައްސާފައިވާ ގޮތުން 10 ކިލޯގެ ފުޅީގައި 7 ކިލޯ ގޭސް ފުރާނެ ކަމަށާއި، 22 ކިލޯގެ ފުޅީގައި 14 ކިލޯ އަދި 45 ކިލޯގެ ފުޅީގައި 31 ކިލޯ ގޭސް ފުރާނެ ކަމަށެވެ.


ކުންފުނިން ބުނީ މި ބަދަލާއެކު ގޭހުގެ އަގު ބޮޑުނުވާނެ ކަމަށާއި، ކަސްޓަމަރުންގެ އަތުން ފައިސާ ނަގާނީ ދޫކުރާ ގޭހުގެ ހަގީގީ ބަރުދަނަށް، މިހާރު ކިލޯއަކަށް ނަގާ އަގުގައި ކަމަށެވެ.


ގޭސް އެތެރެކުރުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ވެސް ކުންފުނިން ބުނެފައިވެ އެވެ.

މޯލްޑިވް ގޭހުން ބުނީ ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަޝްރޫއުގެ ދަށުން ތިން މަސް ދުވަހަށް ފުދޭ ވަރަށް ގޭސް ރައްކާކުރެވޭނެ ކަމަށެވެ. އެއީ ގޭސް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ދިގު މުއްދަތުގެ ހައްލެއް ކަމަށް ކުންފުނިން ބުންޏެވެ.


މޯލްޑިވް ގޭހަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ، ރާއްޖެއަށް ގޭސް އެތެރެކުރާ ކުންފުންޏެވެ.


މިދިޔަ މާޗު މަހު ވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މޯލްޑިވް ގޭހުން ވަނީ ގޭސް ވިއްކާ މިންވަރު ހަނިކޮށް، 10 ކިލޯގެ ފުޅީގައި ފަސް ކިލޯ ގޭސް ފުރަން ފަށާފަ އެވެ. އޭގެ ފަހުން ޖޫން މަހު 22 ކިލޯ އާއި 45 ކިލޯގެ ފުޅިތަކުގެ އަގު ވެސް ބޮޑުކޮށްފައިވެ އެވެ.