ޙުލާޞާ
ހޫނުގެ ސަބަބުން 2040 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުން އަހަރަކު 576 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ ކަމަށް އައިއެލްއޯ އިން ބުނެފި އެވެ. ދިރާސާގައިވާ ގޮތުން ގާތްގަނޑަކަށް 2,400 ފުލްޓައިމް ވަޒީފާގެ މަސައްކަތަށް އަސަރުކުރާނެ އެވެ. އެންމެ ބޮޑަށް އަސަރުކުރާނީ ހިދުމަތާއި ކޮންސްޓްރަކްޝަން ދާއިރާއަށެވެ.
މަސައްކަތްކުރާ ތަންތަނުގައި ހޫނު ބޮޑުވުމުގެ ސަބަބުން، 2040 ވަނަ އަހަރު ވާއިރު ރާއްޖޭގެ އިގްތިސާދަށް އަހަރަކު ގާތްގަނޑަކަށް 576 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ބުނެފި އެވެ.
އައިއެލްއޯއިން ވޭތުވެދިޔަ ބުރާސްފަތި ދުވަހު ނެރުނު ދިރާސާއެއްގައި ބުނީ، ހޫނުގެ ސަބަބުން މަސައްކަތު ގަޑިއިރުތައް މަދުވެ، 2040 ވަނަ އަހަރު ވާއިރު ރާއްޖޭގައި ފުލްޓައިމް ވަޒީފާ 2,400 އާ އެއްވަރުގެ މަސައްކަތް ގެއްލިދާނެ ކަމަށެވެ. އެންމެ ބޮޑަށް އަސަރުކުރާނީ ހިދުމަތުގެ ދާއިރާއާއި އިމާރާތްކުރުމުގެ ދާއިރާއަށް ކަމަށް ދިރާސާގައި ބުނެއެވެ.
ހަމަ އެ މުއްދަތުގައި ލަންކާއަށް އަހަރަކު 26 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބި، ފުލްޓައިމް ވަޒީފާ 145,000 އާ އެއްވަރުގެ މަސައްކަތް ގެއްލިދާނެ ކަމަށް ވެސް ދިރާސާގައި ބުނެއެވެ. ލަންކާގައި އެންމެ ބޮޑަށް އަސަރުކުރާނީ ދަނޑުވެރިކަމަށެވެ. މި ދިރާސާއަކީ ރާއްޖެ، ލަންކާ، އެތިއޯޕިއާ، ގާނާ، ލުބުނާނާއި ސެނެގާލް ހިމެނޭ ހަ ގައުމެއްގައި ކުރި ދިރާސާއެކެވެ.
ދިރާސާއިން ދައްކާ ގޮތުގައި 1985 އިން 2014 އަށް ވުރެ 2023 ވަނަ އަހަރު ދެ ގައުމުގައި ވެސް ހޫނުގެ ސަބަބުން މަސައްކަތު ގަޑިއިރާއި އިގްތިސާދީ އުފެއްދުން ވަނީ މަދުވެފަ އެވެ. ދުނިޔޭގެ ކާބަން ބޭރުކުރުން މަދުވި ނަމަވެސް މި އަސަރުތައް ބޮޑު މިންވަރަކަށް ދެމިއޮންނާނެ ކަމަށް ދިރާސާގައި ބުނެއެވެ.
ލަންކާއާއި ރާއްޖެއަށް ބެލުމަށް އައިއެލްއޯގެ ޑިރެކްޓަރު ޖޯނީ ސިމްސަން ވިދާޅުވީ ހޫނުގެ ސަބަބުން މިހާރުވެސް ދެ ގައުމުގެ މަސައްކަތްތެރިންނާއި ވިޔަފާރިތަކާއި އިގްތިސާދަށް އަސަރުކުރަމުންދާ ކަމަށެވެ. މަސައްކަތްތެރިން ހޫނުން ރައްކާތެރިކުރުމަކީ މަސައްކަތު ސަލާމަތާއި ސިއްހަތުގެ ނިޒާމުގެ ބައެއްގެ ގޮތުގައި ބަލަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިއެލްއޯއިން ލަފާދީފައިވަނީ ދުވަހުގެ އެންމެ ހޫނު ގަޑިތަކުގައި މަސައްކަތް ނުކުރުމަށް ގަޑިތައް ބަދަލުކުރުމަށާއި، މަސައްކަތާއި އަރާމުކުރުމުގެ ގަޑިތައް ކަނޑައެޅުމަށާއި، މަސައްކަތްކުރާ ތަންތަނުގައި ހިޔާއާއި ބޯފެނާއި ފިނިކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ. ގަޑިއިރު ކުޑަކުރުމުން އާމްދަނީ ގެއްލޭ މަސައްކަތްތެރިންނަށް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް އައިއެލްއޯއިން ގޮވާލައެވެ.

