ޙުލާޞާ

ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ ނުދެވި ހުރި ފައިސާ، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުން އުނިކުރެވޭ ގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ. ހާއްސަ އުސޫލުތަކެއް އަމާޒުކޮށްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އޮފްސެޓް ހޯދުމަށް މީރާއަށް ހުށަހަޅަންޖެހެ އެވެ.

ދައުލަތުގެ މުއައްސަސާތަކުން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ، އެ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓެކްސުން ކަނޑާލުމުގެ އިންތިޒާމު ހަމަޖެހިއްޖެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން ބުނެފި އެވެ.


މިނިސްޓްރީން އިއްޔެ ހަވީރު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ މުއައްސަސާއަކުން ފަރާތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި ހުރި ނަމަ، އެ ފައިސާ އެ ފަރާތުން މީރާއަށް ދައްކަންޖެހޭ ޓެކްސާ ކަނޑާލުމަށް މީރާއަށް އެދެވޭނެ ކަމަށެވެ. އެގޮތުން އެދޭ ފަރާތްތަކުން، ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތަފްސީލު މީރާއިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން (އެމްއެސްއެމްއީ) ހުށަހަޅާފައިވާ ބިލްތަކަށް ހާއްސަ އުސޫލެއް ވެސް ކަނޑައަޅާފައިވެ އެވެ. އެގޮތުން ޓެކްސުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ، ސަރުކާރުން ދައްކަންޖެހޭ ފައިސާއަށް ވުރެ ގިނަ ނަމަ، ބާކީ ފައިސާ އެ ވިޔަފާރިން މީރާއަށް ދައްކަންޖެހޭނެ އެވެ. ސަރުކާރުން ދައްކަންޖެހޭ ފައިސާ ޓެކްސަށް ވުރެ ގިނަ ނަމަ، ބާކީ ފައިސާ ސަރުކާރުން އެ ވިޔަފާރިއަށް ދައްކާނެ އެވެ.


ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކަށް މުދަލާއި ހިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަށް ފައިސާ ލިބުމުގައި ލަސްވާތީ ވިޔަފާރިވެރިން ގިނަ ދުވަސްވަންދެން ޝަކުވާ ކުރަމުން އަންނަ އެވެ. ސަރުކާރުން ފައިސާ ނުދައްކައި ހުއްޓަސް މީރާއަށް ޓެކްސް ދައްކަން ޖެހޭތީ ދަތިތަކެއް ކުރިމަތިވާ ކަމަށް ވިޔަފާރިވެރިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވުމުގައި ވެސް ފާހަގަކޮށްފަ އެވެ.


މި އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ކުރިން އިއުލާން ކުރައްވާފަ އެވެ.މި އުސޫލުގެ ދަށުން ކަނޑާލެވޭނެ ފައިސާގެ ހައްދެއް ނުވަތަ މިހާތަނަށް ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.